ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ސީ ޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ފެނިއްޖެއެވެ.
މެރިން ފުލުހުން ރޭ ބުނީ އިއްޔެ 18:30 އެހާކަންހާއިރު ހުޅުމާލެގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އައްސަން ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
އަދި އެ މީހާ ހޯދުމުގެ މަސައްކަތް މެރިން ފުލުހުންނާއި ކޯސްޓް ގާޑުން ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ، އިބްރާހިމް ޝާކިރު 48އ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސްޓެލްކޯއާ ދިމާލު ފަލުތެރެއަށް ވާއައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ސީޕްލޭން ޓާމިނަލް ފަޅުތެރެއިން ފެނިފައިވާއިރު މިދުވަސް ވަރަކީ ވަރަށް މޫސުން ގޯސް ދުވަސް ވަރެކެވެ.
މެޓް އޮފީހުން ވަނީ އިއްޔެވެސް މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ދެ ފަހަރެއްގެ މަތިން ނެރެފައެވެ.
އަދި މެޓު އޮފީހުން ވަނީ މިއަދު އުތުރާއި މެދުރާއްޖެތެރޭގައި ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.