ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި، ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުން ތައާރަފުކުރެވިފައިވެއެވެ.
އެގޮތުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމާއި، ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމަމިއާއެކު، ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަމާއި އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް މި ބިލުގައި ހިމަނާފައިވެއެވެ. މީގެއިތުރުން ހައްޖުވުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ހިންގުން ހަރުދަނާކުރުމަށްޓަކައި، ބުނެވިދިޔަ ގާނޫނަށް މުހިންމު އިތުރު އިސްލާހުތަކެއް ގެނައުމަށް މި ބިލުގައި ހިމަނާފައިވެއެވެ.
ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.