ޑިމޮކްރަސީ ފައްކާކުރާނަމަ ޒިންމާދާރުކަމާއެކު އޮޕޮޒިޝަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަކީ ދުޅަހެޔޮ ފުދުންތެރިބަޔަކަށް ހަދައި އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމުގެ މަސަކަތް ކުރަމުންދާ ކަމަށާއި،

އެގޮތުން އެ މަސަކަތް ކުރުމުގައި އެމަނިކުފާނު ކުރިޔަށް ވަޑައިގަންނަވާނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިދި ކޮޅުފަރާތަކުގެ މަސަކަތް އެބޭފުޅުންވެސް ބޭނުންވެލައްވާ ގޮތަކަށް ކުރަށް ގެންދިއުމުގައި ހުރަހެއް ނެތް ކަމަށެވެ.

" ދެން އަޅުގަނޑު ހިތުން އެ ބޭފުޅުން ތެރެއިން ބައެއް ބޭފުޅުންނަށް ފަހަރެއްގައި ކަންކަމުގެ ހަގީގަތް އެނގިވަޑައިނުގަތް ވާހަކަ ދެއްކިދާނެ އެހެންމަ އަޅުގަނޑު އެދެނީ ކަންކަމުގެ ހަގީގަތް ބައްލަވާ މި ދެންނެވީ މިސާލަކަށް އަޅުގަނޑު މެންގެ ސިޔާސަތުޔަކާ ބެހޭ ގޮތުން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް ފަހަރެއްގަ ދެކޮޅު ނުޖެހެވޭ ގޮތަށް އެ ދެއްކެވެނީ ކަންކަމުގެ ހަގީގަތް އެނގިވަޑައި ނުގަންނަވާތީ ކަމަށް ވެސް ވެދާނެ އެހެންވީމަ އަޅުގަނޑު އެދެނީ ޒިންމާ ދާރު އޮޕޒިޝަނެއްގެ ގޮތުގައި މަސަކަތް ކުރައްވާށޭ"

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މި ގައުމުގައި ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު ނެތް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޖަވާބްދާރި ކުރުވާނެ ބަޔަކަށް ވާނެ ބައެއް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާނަމަ ނުވަތަށް ގައުމަށް ފައިދާ ހުރި ކަމެއް ކުރާ ނަމަ ކަންކަން ދިރާސާ ކޮށް އެއަށް އެއްބާރުލުން ދޭނެ ބަޔަކަށް ވެސް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ކަމަކާ އިދިކޮޅުވުން އެއީ ޒިންމާދާރު އިޕޮޒިޝަނެއް ނޫން ކަމަށެވެ. އެހެން ކަމުން މި ގައުމުގައި ޑިމޮކްރަސީ ފައްކާ ކުރާނަމަ ޒިންމާދާރުކަމާއެކު އޮޕޮޒިޝަނަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން އޭރުން ގައުމުގައި ގާއިމް ކުރެވިފައިވާ ޑިމޮކްޓެކިސް ސީސްޓަމް ފައްކާ ވާނެ ކަމަށާއި، އެހެން ނަމަވެސް ސިކުނޑި ފައްކާ ނުވެ އެކަން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ، ސިކުނޑީގައި ބަދަލު ހިފުމުގު ރޫހު ތިމާޔަށް ނެތް މޮޅެއް އެހެން މީހަކަށް ލިބުމެއް ނޭދި އުޅެގެން ނުވާނެ ކަމަށާއި އޮޕޮޒިޝަނުން އިސްކުރަންވީ އެގޮތް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެއަށް ވުރެން އިހުލާސްތެރި ޒިންމާދާރު ބަޔަކަށް އޮޕޮޒިޝަން ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.