އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމުން ފިލި ޤައިދީ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް، މެއި 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ވަނީ ހުށަހަޅާފައިކަމުގައެވެ.
ކަރެކްޝަނުން ބުނީ، ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް އޭނާ ފިލާފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ.
އޭގެފަހުން ފުލުހުން ބުނީ މެއި 21 ވަނަ ދުވަހު މީނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކަރެކްޝަނަލް ސާރވިސް އާއި ހަވާލުކުރެވިފައިވާކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ކޮންތަނަކުންކަމެއް ފުލުހުންނެއްވެސް އަދި ކަރެކްޝަނުންވެސް ނުބުނެއެވެ. ކަރެކްޝަނުން ބުނީ އޭނާ ހޯދީ ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ.
ޝަހުބާންގެ މައްޗަށް ކުރާ ތުހުމަތަކީ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އޭނާ ތަންފީޒު ކުރަމުން ދަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަތް މައްސަލައެއްގައި އިއްވާފައިވާ ހުކުމެކެވެ.
ޝަހްބާންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފަ އެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.