އަމާނާ ތަކަފުލް އިން ހިއްސާގެ ގޮތުގައި 11 މިލިއަން ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފިއެެވެ.
ވޭތުވެދިޔަ އަހަރު އެ ކުންފުނިން ނެރެފައިވާ ނަތީޖާއާ ގުޅޭގޮތުން ޗެއާމަން ތައްޔަބު އަކްބަރްއަލީ ވިދާޅުވީ، 2025 ވަނަ އަހަރަކީ ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އަހަރެއް ނަމަވެސް، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދިގު ރާސްތާގެ އަމާޒުތަކަށް ވާސިލުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.
އެގޮތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް ކުރިއެރުވުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހާއްސަ އިސްކަމެއް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިސްލާމީ ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން "ފެމިލީ ތަކަފުލް" ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާކަމަށް ވެސް ކުންފުނިން ހާމަކުރިއެވެ. އަދި ތިމާވެއްޓާއި، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާ އީ.އެސް.ޖީ ގެ މިންގަނޑަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ކުންފުނިން ދޭ އަހައްމިއްޔަތު ވަނީ އިތުރުކޮށްފައެވެ.
އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުނު ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 11,446,317.90(އެގާރަ މިލިއަން ހަތަރު ލައްކަ ސާޅީސް ހަ ހާސް ތިން ސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ލާރި) ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ތެރޭގައި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުނު 3,179,532.75 (ތިން މިލިއަން އެއް ލައްކަ ހަތްދިހަ ނުވަ ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާ ހަތްދިހަ ފަސް ލާރި) ރުފިޔާ ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ނިންމުން ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އަދި ހިއްސާދާރުންގެ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ހިއްސާދާރުންނަށް "ޕަރސަނަލް އެކްސިޑެންޓް ތަކަފުލް" ކަވަރޭޖް މިއަހަރުވެސް ހިލޭ ދިނުމަށް ބޯޑުން ވަނީ ނިންމާފައެވެ.
މި ޖަލްސާގައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހުތައްވެސް ހިއްސާދާރުން ވަނީ ފާސްކޮށްފައެވެ. އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަންސް ގަވާއިދުތަކަށް ފެތޭނެހެން ގެނެވުނު ބަދަލުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމާނާ ތަކަފުލް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ތަކަފުލްގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް، ހިއްސާދާރުންނަށާއި، ބައިވެރިންނަށް އަދި މުޅި މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.