މި އަހަރުގެ އަޟްޙާ ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު އުފާ ފާހަގަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެމްއެންޑީއެފް އިން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގައި އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެގޮތުން، އެ ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގައި މޭ 28ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ހައްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ވެސް އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގ ކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ފޭސް2ގެ ހިޔާ ޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގ ކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ އީދު ކުލަގަދަކޮށް 4 ދުވަހަށް ފާހަގަ ކުރުމަށް ނިންމާފައެވެ. އެގޮތުން ވިލިމާލެ ފުޓްބޯޅަ ދަނޑުގައި، މޭ 27އިން 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު" ގައި ރެޕަލިންގ ކުރުމުގެ ފުރުސަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިއުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.
އެގޮތުން އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އީދު ހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.
މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ ގެ އިތުރުން އެފްޑީސީ ހިމެނެއެވެ.