ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު އަވސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމުން ފިލައިފިއެވެ.
ކަރެކްޝަނުން ބުނީ، ފިލާފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް އޭނާ ފިލާފައިވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި މައްސަލައާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ 3322111 ނަންބަރަށް ގުޅައި، އެކަން އެންގުމަށް ކަރެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ މައްސަލަތައް މީގެކުރިންވެސް ދިމާވެފައިވެއެވެ. އެގޮތުން ގއ. ވިލިނގިލީގެ ފުލުހުންގެ ބަންދުގައި ހުރި މީހަކު ގއ. އަތޮޅު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ވެސް ފިލި މައްސަލައެއް މިމަހުގެ 8 ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭނާ ވަނީ ހަމަ އެދުވަހު އަލުން ހައްޔަރުކޮށްފައެވެ.