ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުން ,އޮބްޒާވަރުން އަދި މޮނިޓަރުންނަށްވުމަށް މޭ 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން، އީސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދޭ ކަމަށެވެ. އެގޮތުން މި އިތުރުބުރުގައި ބަހައްޓާ 3 ވޯޓު ފޮށްޓަށް ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު އައްޔަނުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން އޮބްޒާވްކުރުމަށް ޝައުގުވެރިވާ ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސްދޫކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށާއި، ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރުކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް އީސީން ބުނެއެވެ. އެގޮތުން ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަކަށާއި އެއް މޮނީޓަރަކަށެވެ.

އީސީން ބުނީ މި އިންތިހާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން ކަމަށެވެ.

އޮބްޒަރވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމާއި މޮނީޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމިއްޔާތަކުން ނުވަތަ ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކުން އޮބްޒަރވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް simedha.elections.gov.mv މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންނެވެ.

ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގައި ދ.މީދޫގެ، ދ.އަތޮޅު މަދަރުސާގައި 2 ވޯޓު ފޮށި އަދި މާލޭގައި، ދަރުމަވަންތަ ސްކޫލްގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. ވޯޓު ނެގުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.