23 މެއި ވާ ހޮނިހިރު ދުވަހުގެ ގެ ފަތިހު 3 އިން ހެނދުނު 8 އަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން އާންމުކޮށްފައވާ ބަޔާނެއްގައި ބުނީ ސްޓެލްކޯ އިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާ ކޮށް މެދުކެނޑުމެއްނެތި އެ ހިދުމަތްތަށް ފޯރުކޮށްދިނުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ގާއިމު ކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގެ ޕަވަރު ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިއްމު އަޕްގްރޭޑެއް ގެނައުމަށް ހަމަޖައްސާފައިވާ ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ އެ އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ އެއީ ކަސްޓަމަރުންނަށް ސްޓެލްކޯ އިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި، ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެހެންކަމުން އެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި 23 މޭ ވާ ހޮނިހިރު ދުވަހުގެ ފަތިހު 3:00 އިން ހެނދުނު 8:00 އަށް ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ ނިއްވާލުމަށް ތާވަލުކޮށްފައިވާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ބޭނުންކުރާ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ އެ ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތުކަމަށްވާތީ، ހިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ވީއެންމެ އަވަހަކަށް ހިދުމަތް އާންމުހާލަތަށް ގެނައުން ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައުލޫމާތު ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެ ކަމަށެވެ.
ސްޓެލްކޯ އިން ވަނީ އެފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯ އަށް ލިބެމުންދާ އެއްބާރުލުމަށްޓަކައި ސްޓެލްކޯގެ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށްފައެވެ.