ބޭންކު ބޭންކް އޮފް މޯލްޑިވިސް އިން ކުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި "ބަޣާވާތް" ގައި ޖިނާއީ އެެއްވެސްކަމެއް ނެތިގެން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބުނެފިއެވެ.
ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވިސް އިން ކުރިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި "ބަޣާވާތް" ގައި ޖިނާއީ އެެއްވެސްކަމެއް ނެތިގެން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން ނިންމުމުން އެއީ ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގުޅިގެން ހިންގަން އުޅުނު ބަޣާވާތެއް ކަމަށާއި އެކަން ފެއިލްވެފައިވާ ކަމަށް ރައީސް މުޢިއްޒު އޭރު ވަނީ ވިދާޅުވެފައެވެ. ެއެހެންކަމުން އޮގަސްޓު 27، 2024 ގައި އެ މައްސަލަ ތަހުގީގު ކުރަން ފެށިކަން ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ.
މިގޮތުން މި މައްސަލައިގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފޮނުވި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. ސަބަބަކީ އެ މައްސަލައިގައި ޖިނާއީ އެއްވެސް ކަމެއް ނެތުމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ސަރުކާރުގެ އެ ތުހުމަތުތަކާއި އެކު އޭރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމުގައި ހުރި ކާލް ސްޓުމްކަގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އައިޝަތު ނޫރައްދީންވެސް ވަނީ އިސްތިއުފާ ދެވާފައެވެ.