މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފްގެ ޕްރެސް ކޮންފަރެންސް ފަސްކޮށްފިއެވެ.

އެ ބައްދަލުވުން ބާއްވަން ތާވަލު ކުރެވިފައި އޮތީ މިއަދު މެންދުރު 12:40 އަށެވެ.

މިކަމަށް އިޝާރާތްކޮށް ރައީސް އޮފީހުން ބުނީ މިއަދު ބާއްވަން ނިންމި ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފްގެ ނޫސްވެރިންގެ ބައްދަލުވުން 23 މެއި ވާ ހޮނިހިރު ދުވަހުގެ 12:40 އަށް ވަނީ ފަސްކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ ޕްރެސް ކޮންފަރެންސްއަށް ނަން ފޮނުވުމަށް އަލުން ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމަށް ފަހު މުހައްމަދު ހުސައިން ޝަރީފް ވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް "ޕްރެސާ ވިތް ސްޕޮކްސް" ގެ ނަމުގައި ސިލްސިލާ ބްރީފިންތަކެއް ދެއްވަން ފައްޓަވާފައެވެ.

އަދި ކޮންމެ ބައްދަލުވުމެއް ވެސް ގާތްގަނޑަކަށް 55 މިނެޓަށް ދެމިގެންދާނެ ކަމަށާއި މަގުޞަދަކީ ނޫސްވެރިންނަށް ސަރުކާރުގެ ބަޔާންތަކާއި މައުލޫމާތާއި ތަފާސްހިސާބު ހޯދުން ފަސޭހަ ކުރުން ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.