ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް، އިއާދަކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ހަވާލުކޮށްދެއްވީ އެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މާރިއާ ކާމެން މޮރޭނޯ ރައިމުންޑޯގެ ފަރާތްޕުޅުން ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ.

"ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްތެރިވުމުގެ ގާބިލުކުރުން އިތުރުކުރުމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ، ރާއްޖޭގެ ތަރައްގީއަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޔޫއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އީޔޫއަކީ ރާއްޖޭގެ މުހިންމު ތަރައްގީގެ ބައިވެރިއެއް ކަމަށާއި، މި އެހީގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑޫފާތަކަކީ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި ދިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމަށް ނުހަނު މުހިންމު ތަންތަން ކަން ފާހަގަކުރައްވާ އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އާންމު ރައްޔިތުން ބައިވެރިކޮށްގެން ކަނޑޫފާތައް ބެލެހެއްޓުމާއި، އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑުތައް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއަކީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ''ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް'' ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިމާވެށި ބެލެހެއްޓުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކުރުން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.