މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު 6:30 އިން 10:30 އަށް މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭކލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ އއ. ތޮއްޑުއަށް ކަމަށްވީއިރު އެއީ 143.9 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެއީ 66.9 މިލިމީޓަރުގެ ވާރޭއެވެ.

މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިއްމު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ބުނެއެވެ. އެ އިދާރާއިން ބުނީ، މިމަހުގެ 24،23 އަދި 25 ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

މީގެ އިތުރުން އީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަން ފާހަގަކޮށް އެ އިދާރާއިން ބުނީ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ