ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535، އަލީ ނަސީރު ގާސިމް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖޭއެސްސީގެ މެންބަރުކަމަށް ނަސީރު ގާސިމް، ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އައްޔަނުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ޖޭއެސްސީގައި ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި އިންނެވީ ޔަޒްމީދު މުހައްމަދެވެ. ޔަޒްމީދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަފައެވެ.

މިއަދު ހެނދުނު، ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ނަސީރަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

އަދި އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ނަސީރު ގާސިމާއި ހަވާލުކޮށްދެއްވާފައެވެ.