އަންނަ ޖޫން މަހު ސަރުކާރު ސްކޫލުތަކުގައި މަތީސާނަވީއަށް ކިޔެވުމުގެ ފުރުސަތު ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭލެވެލް ޖޫން އިންޓޭކްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުގެ އެޕްލިކޭޝަން ހުށަހަޅާފައިވާ ސްކޫލުން ދަރިވަރުގެ ޖާގައާއި ބެހޭ މައުލޫމާތު މިމަހުގެ 25 އިން ފެށިގެން ބެލެނިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށާއި، ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރު ރަޖިސްޓްރީ ކުރުމާއި ގުޅޭ މައުލޫމާތު ބެލެނިވެރިޔާގެ އީމެއިލްއަށް ފޮނުވާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ސަރުކާރު ސުކޫލްތަކުގައި މަތީ ސާނަވީއަށް ވަދެވެނީ މިދިޔަ އަހަރުގެ ނިޔަލަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންށް ނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމާ، ގްރޭޑް 11 އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އޮންނާނެކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11 އަށް ވަނުމުގެ ޝަރުތު ހަމަވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ.
މަތީ ސާނަވީއަށް ވަނުމުގެ އެކަޑަމިކް ޝަރުތުތަކުގައި އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށް ބަލާ އިރު، 3 މާއްދާއިން ފެށިގެން 5 މާއްދާއާހަމައަށް ފާސްވާ ދަރިވަރުންނަށް އޭލެވެލްގައި ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާން ހަދާ ދަރިވަރިން ސާނަވީ ނިންމާ އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށްވެސް އޭލެވެލްގައި ބައިވެރިވެވޭނެއެވެ.
މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ޕައިލެޓް ޕްރޮގްރާމްއެއް ފަށާފައެވެ. ސަރުކާރު ސްކޫލްތަކުގައި އޭލެވެލް ކިޔެވި ދަރިވަރުންގެ އަދަދު ކުރިއާއި އަޅާބަލާއިރު 77 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ.