ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް2،3 އަދި 4 ގެ 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިންމާލައި، %76 ފުރިހަމަކޮށްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އެންމެ ފަހުގެ މަޢުލޫމާތު އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

އަދި ކީވޯލް ކެޕިންގް މަސައްކަތް މިދިޔަ ހަފުތާގައި ފަށާފައިވާއިރު، ސެގްމެންޓް 4ގައި ދުވާރު ހެދުމުގެ މަސައްކަތާއި ޕަންޕް ސްޓޭޝަންގެ ވެލް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އެ މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

ހަމައެހެންމެ އެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ބައެއް އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ފެން ހޮޅި އެޅުމާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކާއި، އެންކަރ ބްލޮކް އަދި ކީވޯލް ޕެނަލް ހަރުކުރުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން މާލޭގެ އުތުރު ފަރާތުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުންް ހިމެނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑުވެސް ހަރުކުރާނެއެވެ.