ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ޖުމްލަ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

ނާޒިމް މަގާމުގެ ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއިކޮށް، ހުށަހެޅި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމުގައިވާ ގޮތުން އެ މައްސަލައިގެ ބަހުސަށް ހޭދަކުރަން ކަނޑައަޅާފައި ވަނީ 50 މިނެޓެވެ.

އަދި ތުހުމަތަކަށް ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން 50 މިނެޓް ބަހާލާނީ މެންބަރަކަށް ތިން މިނެޓްގެ އުސޫލުންނެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނީ އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ.

އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.

ހަމައެހެންމެ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.

އެއީ މަދުވެގެން 24 މެމްބަރުންނެވެ.

ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ.

މިގޮތުން އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވި އިރު އެ މަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގައި މިހާރު ހުންނެވި ނާޒިމް ވަނީ މީގެ ކުރިން 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރައްވާފައެވެ.