ހއ. ބާރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެމްޓީސީސީން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ އެންވަޔަރްމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ 550,000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެކަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ބުނީ ބާރަށު ކައުންސިލްގެ އެދުމުގެ މަތިން އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން އެރަށް ވަށައިގެން މަގެއް ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ރުއްގަސް ނަގާފައިވާ ކަމަށެވެ. އެ ރަށުން ރުއްގަސް ނެގި ސަރަހައްދު ތެރޭގައި ކުޅި އާއި ފާ އަދި ޗަސްބިމުގެ ސަރަހައްދު ހިމެނެއެވެ. އަދި ރުއްގަސް ނެގީ ގާނޫނާއި ގަވާއިދާ ހިލާފަށް، އެ އޮތޯރިޓީގެ ހުއްދަނެތި ކަމަށް ވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އިންސްޕެކްޝަނެއް ހެދިއިރު، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިތުރުން އެހެން ސަރަހައްދަކުން ވެސް ރުއްގަސް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮތޯރިޓީން ބުނެއެވެ.
އެގޮތުން އިންސްޕެކްޝަނުން ފާހަގަވި ކަންކަމަށް ބަލާލާއިރު، ހިމާޔަތްކޮށްފައިވާ ސަރަހައްދު އަދި ވަށައިގެންވާ 20 މީޓަރުގެ ބަފާ ސަރަހައްދުގެ އެތެރޭގައި 24,617.78 އަކަމީޓަރުގެ ސަރަހައްދު ގަވާއިދާ ހިލާފަށް ސާފުކުރުން، އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން 835,837.95 އަކަފޫޓުގެ ސަރަހައްދެއް ގަވާއިދާ ހިލާފަށް ސާފުކުރުން ހިމެނެއެވެ.
އެހެން ކަމުން އެމްޓީސީސީ 550،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 19 މޭ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
550،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ސަބަބަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 500،000 ރުފިޔާ އާއި ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 50،000 ރުފިޔާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީގެ އިތުރުން ބާރަށުގެ ވަށައިގެންވާ މަގު ހެދުމަށްޓަކައި، ރުއްގަސް ކެނޑުމުގައި ރަށުގެ ހޭޅިފަށިންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އެ އޮތޯރިޓީން އަންގާފައިވާނެ ކަމަށް ވެސް އެ ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ އެމްޓީސީސީގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ބާރަށު ކައުންސިލުން އެ އޮތޯރިޓީއަށް އެކަން ރިޕޯޓުކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެއީ އެ ކައުންސިލުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއްކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބާރަށު ކައުންސިލަށް ނަސޭހަތްތެރިވާ ކަމަށެވެ.
ބާރަށުން ރުއްގަސް ކެނޑި މައްސަލާގައި އެމްޓީސީސީ ޖޫރިމަނާ ކުރިއިރު، މީގެކުރިން އެފަދަ މައްސަލައެއްގައި އެރަށު ކައުންސިލް ވެސް ޖޫރިމަނާ ކޮށްފައިވެ އެވެ.