ދަމަނަވެށީގެ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ދަމަނަވެށިން ބުނެފިއެވެ.
ދަމަނަވެށިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބަޔާނުގައި ބުނީ އެ ސެންޓަރުތައް ގާއިމްކުރުމަށް ކުރީގެ ތެލެސީމިއާ ސެންޓަރާއި، މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މިމަސައްކަތް ކުރިއަށްދާ މުއްދަތުގައި ދަމަނަވެށިން ދޭ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަމަނަވެށީގެ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަމަނަވެށީގެ ހިދުމަތްތައް ވަގުތީގޮތުން ދިނުމަށް ހަމަޖައްސާފައިވަނީ މާފަންނުގައި ގާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ އިތުރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި، ޖީ.ޕީ ކްލިނިކުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދަމަނަވެށިން ދޭ ހިދުމަތްތަކަށް ބަލާލާއިރު، ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރުކުރުމާއި، އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، މުޖުތަމައަށް އަމާޒުކޮށްގެން ހާއްސަ ސިއްހީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންތަކާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމުގެ އިތުރުން ކައުންސެލިން ހިދުމަތް ދިނުން ހިމެނެ އެވެ.