އެއީ "ހީރޯއިން ނޫން" ކަމަށާއި، އެއީ ހަމައެކަނި "ޑައިވަރުން" ކަމަށް ފިންލޭންޑްގެ ރެސްކިއު ޓީމުން ބުނެފިއެވެ.

އިޓަލީގެ ފަތުރުވެރިންގެ ހަށިތައް ނެގުމުގައި ހަރަކާތްތެރިވާ ޑޭން އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި އޮޕަރޭޝަނަށްފަހު ފިންލޭންޑްގެ ރެސްކިއު ޓީމުގައި ހިމެނޭ ސާމީ ޕަކާރިނެން، ޖެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް، ނަކީ "ހީރޯއިންނެއް ނޫން" ކަމަށާއި، އެއީ ހަމައެކަނި "ޑައިވަރުން" ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަތިވެރި ނިޔަތުގައި ކަމަށާއި، ތިން ދުވަހުގެ މަސައްކަތަށްފަހު، ގެއްލުނު ހުރިހާ ޑައިވަރުން ފެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި މާދަމާ ކުރާނީ އެންމެ ފަހު ޑައިވް ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގެ މައިގަނޑު މަރުހަލާ ނިމުމަކަށް އައީ ފިންލޭންޑްގެ ރިކަވަރީ ޓީމުން ކޭވްއަށް ކުރި ޓެކްނިކަލް ޑައިވްއަކަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޑޭން އާއި، އެމްއެންޑީއެފްއާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، މާލޭގައި ތިބި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންދިޔަކަމަށް ޑޭން ޔޫރަޕުން ބުނެފައިވެއެވެ.

މިއަދު ހެނދުނު ތިން ޑައިވަރުން ކޭވްގެ ތެރެއަށް ފޭބި ކަން ފާހަގަކޮށް ޑޭން އިން ބުނީ ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި ހަށިތައް ނެގުމާއި، މަސައްކަތުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން މުޅި ސަރަހައްދު ފެންނާނެހެން ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދިޔަ ކަމަށެވެ.

ޑޭން އިން ބުނީ މި މަސައްކަތުގައި ދެ ފަހަރަށް ބޭނުންކުރެވޭ ނޭވާލާ ނިޒާމު (ސީސީއާރް)އާއި، ކަނޑުއަޑީގައި ދުއްވާ އުޅަނދުތަކާއި ފުން ސަރަހައްދުތަކަށް ހާއްސަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށެވެ.

އެ ޓީމުން ވަނީ އެމްއެންޑީއެފް އާއި ފުލުހުން އަދި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ހަށިތައް ނެގުމުގެ މަސައްކަތް ނިމުނު ނަމަވެސް، މިޝަންގެ އެންމެ ފަހު ޑައިވް ކުރުމަށް ހަމަޖައްސާފައިވަނީ 21 މެެއި ގައެވެ. އެއީ މި ޑައިވްގައި ކޭވްގެ ތެރޭގައި ބޭނުންކުރި އާލާތްތައް ނަގައި، އެ ތަނުގެ ގުދުރަތީ މާހައުލު އިއާދަކުރުމުގެ މަސައްކަތް ކުރުމަށްކަމަށް ބުނެއެވެ.

މީގެ އިތުރުން، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޓަކައި ހޮހަޅައިގެ ޗާޓު ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މުޅި މިޝަންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރިކަވަރީ ޓީމުގެ ރައްކާތެރިކަމާއި، މަރުވި ފަރާތްތަކަށް އުނިކަން ނާންނާނެހެން މަސައްކަތްކުރުމަށް ކަމަށް ޑޭން ޔޫރަޕުން ބުނެއެވެ.