މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް ފައްސިވެފައިވާ 7 ކޭސްއެއް ފެނިފައިވާ ކަމަށާއި، އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހިމަބިހި ކޭސްއެއް ފެނިއްޖެނަމަ އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވިސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި، ކޮންޓެކްޓުންނަށް ވެކްސިންދިނުން މިހާރު ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ، އަދި ހޮސްޕިޓަލަށް ދާއިރު، މާސްއަޅަން އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.