ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކަނޑާލައިފިއެވެ.
މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ އިނގިރޭސިވިލާތުން، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔަ ޑިއުޓީ މެދުކަނޑާލާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔައީ، 20 އިންސައްތައިގެ އިމްޕޯޓް ޑިއުޓީއެއް ކަމަށް ވީއިރު، އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑިގެންދާނެއެވެ.
މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ގައުމުގެ ތެރެއިން ހަތް ގައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.
ރާއްޖެއަކީ، އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން 9 ވަނަ ގައުމެވެ. އެގޮތުން ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ.
އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެއެވެ.
މިކަމާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކޮލަސް ޑޭވިޑް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށާއި، ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.
އިނގިރޭސިވިލާތުން ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް ނިންމުމާ ގުޅިގެން، އެ ގައުމުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވުމުގެ އިތުރުން، ދިވެހި މަހަށް އިނގިރޭސިވިލާތުގެ ބާޒާރުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ، ރާއްޖެއިން ކުރާ ދެމެހެއްޓެނިވި މަސްވެރިކަމަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން، ކަސްޓަމަރުންނަށް ހެޔޮއަގުގައި މަސް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ސިނާއަތަކީ، މަސްވެރިކަމުގެ ސިނާއަތެވެ. އަދި ރާއްޖެއިން ރޯ މެޓީރިއަލް ބޭރު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ވީހާވެސް ގިނައިން މަހާއި، މަހުގެ އަގުއެއްކުރި އުފެއްދުންތައް އުފައްދައި، ރާއްޖޭގެ މަސްވެރިކަމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވަކީން ހާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން، އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް އިނގިރޭސިވިލާތު ރަސްގެފާނު ޗާލްސްއާއި ސަރުކާރުގެ އިސްބޭފުޅުންގެ އަރިހުން ވެސް އެދިލެއްވި އެންމެ މުހިއްމު އެއްކަމަކީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑާލުމެވެ.
މިނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަ ކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.
ދުނިޔޭގެ ޕްރިމިއަމް ބާޒާރުތަކުގެ މިސްރާބު މިހާރު ބޮޑަށް ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަހުން އުފައްދާ މަހާއި މަހުގެ އަގުއެއްކުރި ބާވަތްތަކަށެވެ. އެގޮތުން، އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން، ދިވެހި ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެ ބާޒާރުގައި ވާދަކުރުމުގެ ފުރިހަމަ އަދި ހަމަހަމަ ފުރުސަތެއް މިހާރު ފަހިވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.