ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާން ހުޅުވާލައި، 25 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ކުރިން އޮތީ ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ހަދައި، އަމިއްލައަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އެކަނި ނަމަވެސް ފަހުން ހައުސިން މިނިސްޓްރީން ވަނީ، އެ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ވެސް ފޯމު ހުށަހެޅޭ ގޮތަށް ހަދާފައެވެ.

އެގޮތުން، ހައުސިން މިނިސްޓްރީން ވަނީ އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ފްލެޓަށް ހުށަޅެނޭ ގޮތް ހަދާފައެވެ. އަދި އެ ފުރުސަތު މިއަދުން ފެށިގެން، އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިއްބު މިދިޔަ މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިން ކަމަށް ވީއިރު، މިހާރު ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމުން، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. އެގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.