ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް މިއަދު އުވާލައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ އެ ނިންމުމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހަށް އޮތް ޑިމާންޑު އިތުރުވެ، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ހަމައެހެންމެ ރާއްޖެއަކީ ދެމެހެއްޓެނިވި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ޤައުމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް މިއަދު އުވާލާފާއިރު، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތްކުރާތާ މިހާރު ވަނީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވެފައެވެ.