ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ނުނެގި އޮތް 2 މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާ، އެމްއެންޑީއެފް ކޯސްޓްގާޑް އަދި ފުލުހުންގެ ހިދުމަތާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ، 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައެވެ.
ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިން ފެނިފައިވާ އިރު، އެމީހުންގެ ތެރެއިން 2 މީހުންގެ ހަށިގަނޑު އިއްޔެ ވަނީ ނަގާފައެވެ. އަދި މިއަދު ވަނީ އަނެއް ދެ މީހުންގެ ހަށިގަނޑުވެސް ކަނޑުން ނަގައި އޮޕަރޭޝަން ނިންމާލާފައެވެ.
ދައުލަތުދެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެމީހުންގެ ހަށިތައް ކަނޑުން ނެގުމަށްފަހު، ހަށިގަނޑު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އެމީހުންގެ ހަށިތައް އިޓަލީވިލާތަށް ފޮނުވައިލުމާ ގުޅޭގޮތުން އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީވެދިން ދިވެހި ދެ ކުންފުނިން ކޮށްދިން މަސައްކަތްތައް ފާހަގަކުރައްވާ އިސް ތަރުޖަމާނު ވަނީ، ޝުކުރު އަދާކުރައްވާފައެވެ. އަދި ގައުމީ ދިފާއީ ބާރާއި ފުލުހުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
މި މަހު 14 ވަނަދުވަހު، ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ދިވެހި އެއްވެސް ޑައިވަރަކާއި ނުލާ ފޭބި އިޓަލީ ފަތުރުވެރިން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ، އެދުވަހުގެ މެނދުރު 13:15 ހާއިރުއެވެ.
އެވަގުތުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސް އާއި، ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީގައި އެ ޑައިވަރުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އޭގެތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ހާލުދެރަވެގެން ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.