ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ "ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ"އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.
އެ ފާމަސީ ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ.
ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
މި ފާމަސީން 24 ގަޑިއިރު ޚިދުމަތްދޭނެއެވެ.
އެގޮތުން މި ފާމަސީ މެދުވެރިކޮށް ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުވެސް ވަނީ ޤާއިމްކޮށްފައެވެ.
"ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން މަސައްކަތްކުރާ ސްޓޭޓްފާމާގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށް ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އެ ކުންފުނިން ދަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ތައްޔާރީތައްވެސް ކުރަމުންނެވެ.
މިގޮތުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.