އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސްގެ ތެރެއިން، ސްކޭމްތަކުގައި ގެއްލުނު 1.16 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އޮޕަރޭޝަން ފްރޮންޓިއަރ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގި ބައިނަލްއަގުވާމީ ބޮޑު ހަރަކާތެކެވެ.
އެގޮތުން މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގުނު ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.
އެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ މާރިޗު 10އިން މި މަހުގެ 7އާ ހަމައަށެވެ.
އޮޕަރޭޝަން ފްރޮންޓިއަރގެ ބައިނަލްއަޤްވާމީ ޕްރެސް ކޮންފަރެންސްގެ ތެރެއިންވަނީ، މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ބޭންކް އެކައުންޓް ފްރީޒްކޮށް، އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަން ހާމަކޮށްފައެވެ.
މި އޮޕަރޭޝަންގައި ބޮޑަށް ފޯކަސްކޮށްފައި ވަނީ އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން، ވަގަށް ނަގާފައިވާ ފައިސާ ދައުުރު ކުރުމަށް ބޭނުން ކުރާ ނެޓްވޯކްތަކާއި، އެކަމުގެ ޝާމިލްވާ މީހުން ދެނެގަތުމަށް ކަމަށް ނަވީދު ވިދާޅުވިއެވެ.
ނަވީދު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން 574 މީހަކު ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ހިމެނެނީ 490 ފިރިހެނުންނާއި، 84 އަންހެނުން ކަަމަށެވެ. އޭގެ ތެެރެއިން 16 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު، އެއީ 19 އަހަރާއި 48 އަހަރުގެ މީހުން ކަމަށްވެސް ނަވީދު ވިދާޅުވިއެވެ.
ނަވީދު ވިދާޅުވީ މިކަމުން އެނގެނީ ކުށްކުރާ ނެޓްވޯކްތައް ރެކްރޫޓް ކުރަނީ ވަރަށް ފުޅާ އާބާދީއެއްގެ ތެރެއިންކަމަށާއި ކޮންމެ މީހަކު ހައްޔަރު ކުރުމަކީ ސްކޭމާއި ގުޅުން ހުރި އިންފްރާސްޓްރަކްޗާ ބަލިކަށި ވާނެ ކަމެއް ކަމަށެވެ.
އަދި އެ އޮޕަރޭޝަަންގައި އެންޓި ސްކޭމް ސެންޓަރުގެ 41 ދިވެހި ފުލުހުން ބައިވެރިވެފައިވާ ކަމަށްވެސް ނަވީދު ވަނީ ވިދާޅުވެފައެވެ.
މި މުއްދަތުގައި 349 ސްކޭމް ކޭސް ތަހުގީގު ކޮށްފައިވާއިރު އެ މުއްދަތުގައި ސްކޭމްގެ ތެރޭގައި ގެއްލުނު ފައިސާގެ އަދަދު 40،25،423.82ރ. އަރާ ކަމަށާއި ވަގުތުން އެޅި ފިޔަވަޅުގެ ތެރެއިން 664 ބޭންކް އެކައުންޓް ފްރީޒްކޮށް، 1.16 މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށްވެސް ނަވީދު ވިދާޅުވިއެވެ.
މި އަހަރުގެ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ބައިވެރިވެފައިވެއެވެ.