މޫސުން ގޯސްވެ، ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިހާރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ނެރުނު އެލާޓުގައި ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރިފައެވެ.
އަދި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައެވެ.