ސްރީ ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި ހުއްދަ ނެތި ޓީވީ/ރޭޑިއޯ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި ދިވެއްސަކާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން އެ ސްޓޭޝަން ރެއިޑްކުރީ، އައްތިޑިޔާ ސަރަހައްދުގައި ބްރޯޑްކާސްޓިންގެ މަސައްކަތްތަކެއް ޝައްކު ކުރެވޭ ގޮތަކަށް ހިންގާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އާއި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެން ހިންގި ރެއިޑްގައި ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރުތަކާއި، ސްޓާލިންކް ޔުނިޓެއްގެ އިތުރުން ޓްރާންސްމިޝަންއަށް ބޭނުންކުރާ އެހެނިހެން ސާމާނު ހިމެނެއެވެ.

އަދި އެ ތަކެތީގެ އަގު ގާތްގަނޑަކަށް 50 މިލިއަން ލަންކާ ރުޕީސްއަށް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

އެ ރެއިޑުގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ލަންކާ ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ލަންކާ ފުލުހުން ދަނީ މި އެ މައްސަލައިގައި އިތުރު މީހުން ހިމެނޭތޯ ބެލުމަށް އިތުރަށް ތަހުގީގުތައް ކުރަމުންނެވެ.