ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕޮންސަރުގެ ގޮތުގައި ބޭންކްއިން ގައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކައް ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ.

ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މި އެއްބަސްވުމަކީ ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާއަހަރީ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ފޯރުކޮށްދޭ އެހީތެރިކަމަށެވެ.

ބީއެމްއެލް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނާޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ.

ބީއެމްއެލް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.