މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ "ޓްރިޕަލް އެލިމިނޭޝަން" (ތިން ބައްޔެއް) ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކަން ފާހަގަކޮށް ހަނދާނީ ފިލާއަރުވައިފިއެވެ.

މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަށަވަރުކޮށްދީ، ރާއްޖެއިން ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަން ފާހަގަކޮށް، އެކަމުގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންްޑް ވެލްފެއަރ ގީލާ އަލީއަށް އަރުވާފައި ވަނީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައެވެ.

މިނިސްޓަރ ވަނީ، މި ކާމިޔާބީ ރާއްޖެއިން ޙާޞިލްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ކާމިޔާބީ ދެމެހެއްޓުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުންގެންދަވާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވާ އެ ކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ކާމިޔާބީއާއެކު، ރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށް ކަމަށެވެ.

އަދި މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް، މާބަނޑު ދުވަސްވަރު އެންމެން ސްކްރީން ކުރުމަށް (ބަލި ހުރިތޯ ބެލުމަށް) ރާއްޖޭގެ ބެހިފައިވާ ރަށްތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމަކަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތް އިންވެސްޓްމަންޓްތަކެއް ކޮށްގެން ހާސިލްކުރެވުނު ނަތީޖާއެއް ކަމަށް މިނިސްޓްރީން ބުނެފައި ވެެެއެވެ.

ރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ މައިންގެ ފަރާތުން ކުދިންނަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ޑަބްލިޔުއެޗްއޯ ގެ ކަށަވަރުކުރުން ހޯދާފައެވެ.

އަދި އޭގެ ފަހުން އުފަންވާ ކުދިންގެ ގައިން އެޗްއައިވީ އަދި ވިހާއިރު ހުންނަ ސިފިލިސް (ކޮންޖެނިޓަލް ސިފިލިސް) ޖެހިފައިވާ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.

މާބަނޑު މީހުންނަށް ދޭ ސިއްހީ ފަރުވާގެ ނިސްބަތް %95 އަށް ވުރެ މަތީގައި ހުރުމާއި، ވިހާ ގޮތަށް ދޭ ވެކްސިން ޑޯޒް ދޭ ނިސްބަތް މަތިވުމުގެ ސަބަބުން، މިހާރު މި ކާމިޔާބީ ވަނީ ހެޕަޓައިޓިސް ބީ އަށް ވެސް ފުޅާކޮށްފައެވެ.

މިނިސްޓްރީން ބުނީ މި ކާމިޔާބީ ހާސިލްކުރެވުނީ ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މީގެ އިތުރުން، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑަބްލިޔުއެޗްއޯގެ މި ބަލައިގަތުމާއެކު، މައިންގެ ފަރާތުން ދަރިންނަށް ބަލިތައް ވާރުތަވުން ހުއްޓުވުމުގައްޔާއި، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރަށް އޮތް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދުނިޔޭގެ ކުރިމަތީގައި ނަމޫނާ ގައުމަކަށް ވެގެންދާނެ ކަމަށެވެ.