"އަދަދު" ނޫހުން ތައްޔާރު ކުރި ވީޑިއޯ ޑޮކިއުމެންޓްރީއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު "ގޭގް އަމުރު" ބާތިލް ކުރުމަށް އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
ފިޔާޒުގެ ފަރާތުން އިސްތިއުނާފްގެ މައްސަލަ ހުށަހަޅައިފައިވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުންނެވެ.
އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ.
އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޖޭއޭގެ ފަރާތުން މިހާރު ވަނީ ހުށަހަޅައިފައެވެ..
އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން
.އެއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފަށް ހުށަހެޅިއިރު އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން އެ ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ.