މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ގާލާ ސެރެމަނީގައި، އިންޑިއާ އިންޑިއަން އޯޝަންގެ އިތުރުން އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމައިފި އެވެ.
މިކަންހާމަކޮށްފައި ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ޑްބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެވެ.
ވީއެމްސީން ބުނީ މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ.
މި ރިސޯޓަކީ، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތައް އެއް ހަފްލާއަކަށް ދަޢުވަތުދިނުމަކީ، ރާއްޖެއިން ބައިނަލްއަޤްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުޞަތެއް ކަމަށެވެ.
އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަފާތު ތިން ރިސޯޓެއް ހިމެނެއެވެ. އެއީ ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސް.އޯ/ މޯލްޑިވްސް އެވެ. ގުޅިފައިވާ ހަތަރު ރަށެއްގެ މައްޗަށް އެކުލެވޭ މި ރިސޯޓަކީ ދުނިޔޭގެ ފެންވަރުގެ ކެއިންބުއިމާއި، މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އެއްތަނަކުން ލިބޭނެހެން ތަރައްޤީކޮށްފައިވާ ތަނެކެވެ.
ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގާ ވިދާޅުވީ، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް ކްރޮސްރޯޑްސްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މިއީ ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަޞައްވުރަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. މި އެވޯޑުގައި ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ލިބިފަ އެވެ.
މީގެ އިތުރުން މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތް ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި މި ދާއިރާގެ އިސްވެރިންނަށް މަރުޙަބާ ކިޔައި، ރާއްޖޭގެ ތަފާތު ސަގާފަތާއި ހިތްގައިމުކަން ހިއްސާކުރުމަށް މިތިބީ ކެތްމަދުވެފައި، ކަމަށް ވިޒިޓް މޯލްޑިވްސް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވި އެވެ.