ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރާނެ ވަގުތާއި ޖަވާބުދާރީވާން ދޭނެ ވަގުތު ކަނޑައަޅަން ކޮމިޓީ ބައްދަލުވުން މިއަދަށް ތާވަލުކޮށްފި އެވެ.

ގަރާރާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ބައްދަލުވުން ފަށަން ތާވަލުކޮށްފައިވަނީ މިއަދުގެ ހަވީރު ހަތަރެއް ޖަހާއިރަށެވެ.

އެ ބައްދަލުވުމުގައި އޮންނާނީ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި ވާހަކަ ދައްކަވަން މެމްބަރުންނަށް ދެއްވާނެ ވަގުތާއި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް ފުރުސަތު ދެއްވާނެ އަދަދާއި ވަގުތު ކަނޑައެޅުމެވެ.

ނާޒިމް މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމަށް ފަހު، ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.