މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެގޮތުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ “ފަހިވޯޓް” ސިސްޓަމް މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި ނިންމާފައިވަނީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށެވެ.
ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި މި ނިންމުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތަ ވޯޓުންނެވެ.
ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ 57 ހިއްސާދާރުންނާއި ޕްރޮކްސީން ބައިވެރިވި މި ޖަލްސާގައި ވަނީ މުހިންމު އެހެން ނިންމުންތަކެއްވެސް ނިންމާފައެވެ.
މިގޮތުން 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އިއްތިފާގުން ފާސްކޮށްފައިވާއިރު، 2026 ވަނަ އަހަރަށް އެ ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއައިބީން އަންނަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
2025 ވަނަ އަހަރު އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
މިއީ ރާއްޖޭގެ އިސްލާމިކް ބޭންކިންގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.