ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން މަސައްކަތްތައް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ތިން ރައީސުންގެ އެއްބަސްވުމަށް އެ ޕާޓީން ފުރިހަމަ އެއްބާރުލުން ދިނުމަށް ފާސްކުރަން ގަރާރެއް ހުށަހަޅުއްވާފައެވެ.
އަދި އެ ގަރާރަށް ތާއިދުކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. މި ގަރާރު ފާސްކޮށްފައިވަނީ ގަރާރަށް ބަހުސްކުރުމަށްފަހު އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ގަރާރުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، ގާނޫނޫ އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން ގެއްލިފައިވުމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލުމަށްފަހު، ފަނޑިޔާރުގެ އާއި ދައުލަތުގެ މުއްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށް، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮއްލައި، ހެޔޮވެރިކަމުގެ ނިޒާމު ހީނަރުކޮށް، ހުދުމުހުތާރު ވެރިކަމަކަށް ރާއްޖޭގެ މިސްރާބު ބަދަލުކޮށްފައިވަނީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގި ކަމެއްގެ ގޮތުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެން ކަމުން ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި އެ ޕާޓީން ބައިވެރިވުމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރެވޭތީ، އެ ތިންބޭފުޅުން އެއްބަސްވެވަޑައިގެން، 15 މެއި 2026 ގައި ނެރުއްވި ގުޅިފައިވާ ބަޔާން ބަލައިގަނެ އެ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވާ ކަމަށް ވަނީ ބުނެފައެވެ.
އެއަށްފަހު، ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.