ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ސިޓީފުޅެއް، ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންނަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވައިފިއެވެ.

ތިން ރައީސުން ފޮނުއްވި ސިޓީގައި އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ 10 މެއިގައި ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރުގެ މައްސަލައެވެ. އެ ސިޓީގައި އެ ބޭފުޅުން ވިދާޅުވީ ދިވެހިރާއްޖޭގެ ކޯޓަކުން ނެރުނު 'ގެގް އޯޑަރު" އަކީ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރުކަމަށެވެ.

ގެގް އޯޑާ ނެރުނުތާ ދެ ދުވަސް ފަހުން، 'އަދަދު' ގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާނާއި، ލީވާން އަލީ ނަސީރު، އެ އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށްލުމަށް ހުކުމްކޮށްފައިވާކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކުރައްވައިފައެވެ.

މިއީ 2008 ގެ ޑިމޮކްރެޓިކް ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރުކަމަށް ވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މީގެއިތުރުން ގާނޫނު އަސާސީއަށް ގެނައި ބަދަލަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ސަރުކާރު ހިންގާ ޕާޓީގެ ކޮންޓްރޯލް ދަށުގައި އޮތް މަޖިލިސް މެދުވެރިކޮށްގެން، މިިނިވަން މުއައްސަސާތައް ބަލިކަށިކޮށްލި ކަމަށްވެސްް އެ ސީޓިގައި ބަޔާން ކުރައްވާފައިވެއެވެ.

އަދި ސަރުކާރު ހިންގާ ޕާޓީގެ ބާރު އޮތް އޮތް މަޖިލީހުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ނަމުގައި އެ ކޮމިޝަނަށް ގިނަ ބާރުތަކެއްް ދީފައިވާކަަމަށްވެސް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން އެ ސިޓީ ވަނީ ރާއްޖޭގެ ޑިމޮކްރެސީގެ މުސްތަގުބަލަށް އިންވެސްޓްކުރާ ބައިވެރިންގެ ހައިސިއްޔަތުން، ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރަށް އެ މިޝަންތަކުން ގޮވާލުމަށް އެދޭކަމަށެވެ.