މަސްވެރިންނަށް ތެޔޮ ލިބުމުގެ މާބޮޑު ދަތިކަމެއް ނެތް ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ މަސް ކުންފުނި މިފްކޯއަށާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް، މި ސަރުކާރުން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެއްވަނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ސަރުކާރުން ދެމުންދާ ލުއިތަކާ އެކު މަސްވެރި ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ލުއިފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރު ކޮށްދެވޭ އިންތިޒާމު ހަމަ ޖެހިފައިވާ ކަމަށް ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ، އެގޮތަށް ހުރިހާ ހިސާބަކުން މަސްވެރިންނަށް ތެޔޮ ފޯރުކޮށް އެދެވެނީ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.