މި އަހަރުގެ ޙައްޖުވެރިންގެ އިސްވެރިޔަކަށް، އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

އެގޮތުން މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅުއްވާފައި ވަނީ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

މި އަހަރުގެ ޙައްޖުގެއަޅުކަމަށްދާ ހުރިހާ ޙައްޖުވެރިން މިހާރު ވަނީ، ސަޢުދީއަށް ގޮސްފައެވެ.

މިގޮތުން ޖުމްލަ 4 ފްލައިޓުގައި ޙައްޖުވެރިން ގެންގޮސްފައި ވަނީ، މޯލްޑިވިއަންގެ 2 ފްލައިޓާއި ސަޢުދީއާގެ 2 ފްލައިޓުގައެވެ.