ވ. އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަތަރު މީހުންގެ ހަށިގަނޑު ވެސް އެ މީހުން ޑައިވް ކުރި ހޮހޮޅައިގެ ތެރެއިން ހޯދާފައެެވެ.

ގެއްލުނު ހަތަރު މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު މިއަދު ވަނީ ނަގާފައެވެ.

ގެއްލުނު އިޓަލީ ޑައިވަރުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މަހު 14 ވަނަދުވަހު، ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ދިވެހި އެއްވެސް ޑައިވަރަކާއި ނުލާ ފޭބި އިޓަލީ ފަތުރުވެރިން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ، އެދުވަހުގެ މެނދުރު 13:15 ހާއިރުއެވެ.

އެވަގުތުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސް އާއި، ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީގައި އެ ޑައިވަރުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޭގެތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ހާލުދެރަވެގެން ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.