މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ެެއެ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ ، އެ ވުޒާރާއިން ހަކަތައިގެ ދާއިރާއިން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ، ރާއްޖޭގައި މުޅި ޖުމްލަ ބޭނުން ކުރަނީ 640-650 މެގަވޮޓްގެ ކަރަންޓު ކަމަށެވެ.
އަދި އެއީ މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓް ކަމަށާއި ރިސޯޓުތަކުގައި 300 މެގަވޮޓް އަދި ސިނާއީ ރަށްރަށުގައި 30 މެގަވޮޓް ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ހޭދަވަނީ ގާތްގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. ނަމަވެސް މާޗް މަހުން ފެށިގެން އެ އަދަދު 116 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިއީ 110 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މި ބަދަލުގެ ސަބަބުން މަހެއްގެ މައްޗަށް އިތުރަށް 61 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހިފައިވާ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދު އަލީ ވިދާޅުވީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރަން ޖެހޭ ކަމަށާއި ތެލުގެ އިސްރާފު މަދުކުރަން ޖެހޭ ކަމަށެވެ.