ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، ހިޒް އެކްސެލެންސީ ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލް އައްޝައިޚް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދައުވަތަކަށް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލް އައްޝައިޚް ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.

ެމި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އާ ފުރުސަތުތަކެއް ހޯދުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން އެ ދަތުރުފުޅުގެ ތެރެއިން ޝޫރާ ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހުގައި އެ ކައުންސިލްގެ މެންބަރުން ކަމަށްވާ ޑރ. މުޙައްމަދު ބިން އަލީ މުބާރަކް، އިންޖިނިއަރު މަހްދީ ބިން ނާސިރު އަލް ދޯސަރީ، ޑރ. ލުލުއާ ބިންތި ޢަބްދުލްޣައްފާރު ފާދާ އަދި ޑރ. ދަލާލް ބިންތި މުޙްޔިއްދީން މަނަފާނީ ބައިވެރިވެވަޑައިގަންނަވައެވެ.