އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި އާ ކައުންސިލަރުންގެ މެދުގައި އަށްވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ކައުންސިލްގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭ އިންތިޚާބުކޮށްފިއެވެ.

ރޭ 9:00 ގައި ބޭއްވި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވުނީ ތިން ވޯޓު ލިބިވަޑައިގެންނެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.

ޒައީމާއަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ.

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޒައީމާއާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަނެވެ. އެންމެ ފުރަތަމަ ބުރުގައި ޒައީމާއާއި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ.

އާ ދައުރަކަށް އިންތިޚާބުވި ފަސް މެންބަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރައްވާފައެވެ. ނަމަވެސް ނައިބަކު ނުހޮވި އޮތުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭގޮތް ވަނީ ނުވެފައެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.