ހަތަރު ރަށަކާއި 2 ސިޓީއެއްގައި 11 މެގަވޮޓް ސޯލާ ޕީވީ ހަރުކުރުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާ އިން ބުނެފިއެވެ.

ތިމާވެށްޓާއި ބެހޭ ވުޒާރާއިން މިހެން ބުނެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީން ބުނީ މިހާތަނަށް 187 ގޭގައި ސޯލާ ނިޒާމުން ކަރަންޓު އުފައްދާ އިންތިޒާމުކޮށްފައިވާ ކަމަށެވެ.

އަދި މި އަހަރު ތެރޭގައި އިތުރު ގޭބީސީތަކަށް އެ ޕްރޮގްރާމް ފުޅާ ކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ ޕަވަރަ ފަރޗޭސް އެގްރީމަންޓުގެ ދަށުން 4 ރަށަކާ 2 ސިޓީއެއްގައި 11 މެގަވޮޓް ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ބުނީ ޕަވަރޕަޗޭސް އެގްރީމަންޓުގެ ދަށުން ހދ. ކުޅުދުއްފުށީ، ބ. އޭދަފުށި، ޅ. ހިންނަވަރު އަދި ގދ. ތިނަދޫ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ޖުމްލަ 11 ވޯޓުގެ ސޯލާ ޕީވީ ހައިބްރިޑް ގާއިމުކުރުމުގެ މަސައްކަތުގެ %95 ނިމިފައިވާ ކަމަށެވެ.

މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން އިތުރު 1.5 މެގަވޮޓްގެ މަސައްކަތް ޓެންޑަރިން މަރުހަލާގައި އޮތް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

" 13 ރަށެއްގައި ޖުމްލަ 15 މެގަ ވޮޓްގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން ލިބިފައިވާ ބީލަންތައް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން." މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން އެ މަސައްކަތް މި އަންނަ ޖޫންމަހުގެ 30 ގައި ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރާވާފައިވާ މަޝްރޫޢުތައް ނިމުމުން ގައުމީ އިއާދަކުރުވަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އިތުރަށް ބޭނުންވާ 330 މެގަވޮޓްގެ އިއާދަކުރުވަނިވި ހަކަތައިގެ ސިސްޓަމް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.