މި އަހަރު ރާއްޖެއިން ޙައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރައިފިއެވެ.
މި ފަހަރު ހައްޖަށްދާ ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް މިއަދު ހެނދުނު ސައުދިއަށް ފުރައިފިއެވެ.
އެ ފްލައިޓް ފުރާފައި ވަނީ މިއަދު ހެނދުނު 09:35 ގައެވެ.
ޙައްޖުގެ އަޅުކަމަށް މި އަހަރު ޙައްޖުވެރިން ގެންގޮސްފައިވަނީ، 4 ފްލައިޓުގައެވެ.
ދިވެހި ހައްޖުވެރިން މިއަދު ސައުދީއަށް ފުރާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ މިއަދުގެ ފްލައިޓުން 253 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރިކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިހާތަނަށް މައްކާއަށް ދިޔަ ހައްޖުވެރިން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައި ކަމަށާއި މިއަދު ސައުދީއަށް ފުރި ހައްޖުވެރިންވެސް މިއަދުގެ ވަގުތެއްގައި އުމްރާަގެ އަޅުކަން އަދާކޮށް ނިންމާނޭކަމަށެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 15:34 ހާއިރު ސަޢުދީ އެއަރލައިނުންނެވެ. އެ ފްލައިޓުގައި 238 ޙައްޖާޖީން ފުރާފައިވެއެވެ.
އަދި 17 ވަނަ ދުވަހު ފުރި ހައްޖުވެރިންގެ ދެވަނަ ގްރޫޕުގައި 260 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައެވެ.
މީގެ އިތުރުން 18 ވަނަ ދުވަހުގެ ހަވީރު ސަޢުދީ އެއާލައިނުގައި 268 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ދިއުމަށް ފުރާފައެވެ.
ދިވެހި ޙައްޖުވެރިންގެ އެންމެހާ އިންތިޒާމުތަކެއް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަަށް ހަމަޖައްސަވާފައިވާއިރު، ދިވެހި ޙައްޖު މިޝަނުން ދަނީ ޙައްޖާއި ގުޅޭ އިންތިޒާމުތައް ވަރަށް ގާތުން ބަލަމުންނެވެ.
މި އަހަރުވެސް ދިވެހި ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިންމުމަށްފަހުގައެވެ.