ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް 2025 އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ. މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނެސް އެކުންފުންޏަށްރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމްއެމްއޭއިން ވަނީ ދޫކޮށްފައެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއ،ި ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މިއޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ، އެ އޮތޯރިޓީގެ މަޤްސަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހި ރާއްޖޭގައި ދެމެހެއްޓުން ކަމަށެވެ.