ބަންދުގައި ތިބި ދެ ނޫސްވެރިންނާ އެޗްއާރްސީއެމް އިން ބައްދަލުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެޗްއާރްސީއެމް އިން ބުނީ ކްރިމިނަލް ކޯޓުން 2026 މެއި 10 ވަނަ ދުވަހު ނެރުނު އަމުރާ ޚިލާފުވުމާގުޅިގެން، ބަންދުކޮށް ޙުކުމް ތަންފީޒު ކުރަމުންދާ، އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ ކޮމިޝަނުން ބައްދަލުކޮށް، ޙާލު ބަލާފައިވާ ކަމަށެވެ.
އަދި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައި ތިބި މީހުންނާއި، އެ ކޮމިޝަނުން ބައްދަލުކޮށް، އެމީހުންގެ ޙާލު ބަލާފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުގެ ޒިޔާރަތްތަކުގައި، އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ތަޙުޤީޤު ކުރަންޖެހޭ ކަންކަން، އެ ކޮމިޝަނުން ތަޙުޤީޤު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.