ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތާއި ހަބަރުތައް ކަވަރުކުރުމުގެ ފުރުސަތު މިހާރު ނޫސްވެރިންނަށް ނުލިބޭތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުން އައު ވެރިކަމެއް އިންތިޚާބު ކުރީ ކުރިއަށްވުރެ ރަނގަޅު ވެރިކަމެއް ބޭނުންވާތީ ކަމަށާއި، އެއީ ރައްޔިތުން އަބަދުވެސް ބަސް ބުނާ ގޮތް ކަމަށެވެ

ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށާއި، ވެރިކަން މިހާރު ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމަށް ޞާލިޙް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަސާސީ ހައްގުތައް މުޅިން ގެއްލި ހިނގައްޖެ. މިނިވަން ނޫސްވެރިކަމެއް ކުރާނެ ޖާގަ ގެއްލިއްޖެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް. މަޖިލީހުގެ ބާރު ކަނޑުވާލައިފި. މިކަމާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ވާނީ ޖަލަށް ލާފަ“، ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާއި މުޒާހަރާތަކުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރަންޑަމްގައި ރައްޔިތުން ވަނީ މި ސަރުކާރާ މެދު ސާފު ޖަވާބެއް ދީފައި ކަމަށެވެ.