ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ޑައިވިން ސާމާނުގެ ސަބަބުން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަނަށް އެހީއަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވެއްޖެއެވެ.
ސަފީރު އިޝިގާމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ވ. އަތޮޅު އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އިޝާރާތްކުރައްވައެވެ.
ސަފީރުގެ ޕޯސްޓުގައި ވަނީ ޑިސެމްބަރު 2024 ގައި ޖަޕާނުން ތަކެތި ހަދިޔާކުރިކަން ފާހަގަކުރައްވާފައެވެ. ޖަޕާނުން އޭރު ހަދިޔާކުރި ތަކެތީގެ ތެރޭގައި، ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ "ޑިކޮމްޕްރެޝަން ސިކްނެސް" ނުވަތަ ބެންޑުވުމުގެ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ޕޯޓަބަލް ރިޕްރެޝަން ޗެމްބަރާއި، ޒަމާނީ ޑައިވިން އިކުއިޕްމަންޓްތައް ހިމެނެއެވެ.ެއެ ތަކެތި ސިފައިންނާ ހަވާލުކޮށްދެއްވީ އޭރުގެ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.
މި ހަފްލާގައި އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަހު 14 ވަނަދުވަހު، ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ދިވެހި އެއްވެސް ޑައިވަރަކާއި ނުލާ ފޭބި އިޓަލީ ފަތުރުވެރިން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ، އެދުވަހުގެ މެނދުރު 13:15 ހާއިރުއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސް އާއި، ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީގައި އެ ޑައިވަރުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އޭގެތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ހާލުދެރަވެގެން ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.