އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެނެސް، ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ގަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިއާޔަތްކޮށް، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދާފައި ވާކަމަށެވެ.
މީގެ އިތުރުން އެ ބަޔަނުގައި ބުނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ވަނީ ތަރުތީބުކޮށްފައިވާ ކަމަށެވެ.
މި ބަދަލާއިއެކު ރައީސްގެ އޮފީހުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމު ކޮށްފައެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްހުމުގައި، "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ"އަށް ލިޔާ ސިޓީގައި ޖަަހަމުން ގެންދާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"އަށް ލިޔާ ސިޓީގައި ޖައްހަމުން ގެންދާނީ 1141 ކަމުގައި ވެސް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުންވެސް ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާ ވެސް ވަނީ، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ.
ހަމަމިއާއި އެކު ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، އެ ކައުންސިލްތަކުގެ އިދާރާތައް މޭ 17 ވަނަ ދުވަހުން ފެށިގެން އުވައިލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މި ނިންމެވުމަކީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވުމާއެކު ކައުންސިލްތައް އުވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ ނިންމެވި ނިންމެވުމެކެވެ.